ހިންމަފުށީ ޑުރަގް މަރުކަޒުން ފިލި މީހާ ފެނުނީ މާލެއިން، ހައްޔަރުކޮށްފި

މ
1 ނޮވެމްބަރު 2026 16:271 މިނިޓުގެ ކިޔުން
Aa

އާންމުންނަށް އުނދަގޫކުރާ މައްސަލައިގައި ހައްޔަރުކޮށް ހިންމަފުށީގައި ހުންނަ ނޭޝަނަލް ޑުރަގް އޭޖެންސީ މަރުކަޒަށް ގެންގޮސް ހުއްޓާ އެތަނުން ފިލި އަހުމަދު ފައިރިޝް މާލެއިން ހައްޔަރުކޮށްފި އެވެ.

ބިރުދެއްކުމާއި މުދަލަށް ގެއްލުން ދިނުމާއި މާރާމާރީ ހިންގުން އަދި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ކުށުގައި ހއ. ހޯރަފުށީ، ނޫވިލުގެ، އަހުމަދު ފައިރިޝް (43އ) ހައްޔަރުކުރީ 17 އޮކްޓޫބަރު 2026 ގައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފައިރިޝް ފުލުހުންގެ ހައްޔަރުން ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކޮށްފައި ހުއްޓާ އެތަނުން ފިލީ އިއްޔެ އެވެ.

ފުލުހުންގެ ރަސްމީ ތަރުޖަމާނަކަށް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މީޑިއާތަކަށް ދެންމެ ވިދާޅުވީ، އޭނާ މާލެއިން ލޮކޭޓްކޮށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

ފައިރިޝް އަކީ މީހަކަށް މަރުގެ އިންޒާރުދިން މައްސަލައިގައި މިއަހަރުގެ ފެބްރުއަރީ މަހު ވެސް ފުލުހުން ހައްޔަރުކުރި މީހެކެވެ. މީގެ އިތުރުން ވެސް އޭނާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. ފުލުހުން މީގެ ކުރިން ވަނީ ފައިރިޝްއަކީ ސިކުނޑީގެ މައްސަލައެއް ހުންނަ މީހެއް ކަމަށް ބުނެފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު