އަންނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި، މިދިޔަ އަހަރަށްވުރެ ކުޑަ

މ
29 އޮކްޓޫބަރު 2026 14:09އަޕްޑޭޓްކުރީ 2 މިނިޓުގެ ކިޔުން
Aa

2027 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓުގެ މައުލޫމާތު ހިމެނޭ ފޮތް

އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް 59.7 މިލިޔަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ ޖުމުލަ އަދަދަކީ 59,704,440,795 އެވެ. މިއީ މި އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓާ އަޅައިބަލާއިރު 4.5 ބިލިޔަން ރުފިޔާގެ ދަށް އަދަދެކެވެ. މި އަހަރަށް ފާސްކުރީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ބަޖެޓް ހުށަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ 2027 ވަނަ އަހަރުގެ ބަޖެޓްގެ އެންމެހާ އަސާސްތައް ބައްޓަން ކޮށްފައިވަނީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަށައަޅުއްވާފައިވާ ތަސައްވުރު ހާސިލު ކުރެވޭނެފަދަ ގޮތަކަށް ކަމަށެވެެ.

ފިނޭންސް މިނިސްޓްރީން ބުނީ، ހުށަހެޅުނު ބަޖެޓުގެ ޖުމުލަ ހަރަދުގެ ގޮތުގައި ހިނގާނީ 52.6 ބިލިއަން ރުފިޔާ ކަމަށެވެ. އޭގެ ތެރޭގައި:

  • ރިކަރަންޓް ހަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ (2026ގެ ބަޖެޓަށްވުރެ 2.8 ބިލިއަން އިތުރު)

  • ކެޕިޓަލް ހަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ (2026ގެ ބަޖެޓަށްވުރެ 600 މިލިއަން އިތުރު)

  • ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 8.2 ބިލިއަން ރުފިޔާ

2027 ވަނަ އަހަރު ރެވެނިއުގެ ގޮތުގައި ދައުލަތަށް 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވާއިރު ބަޖެޓުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުތަކަށް ތިން ބިލިއަން ރުފިޔާ އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމަށް ދޫކުރާ ލޯނު ސްކީމްތަކުގެ އިކުއިޓީއަށް 750 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ، ތައުލީމީ ދާއިރާއިން ހިލޭ ޑިގްރީ ޕްރޮގްރާމަށް 136.3 މިލިއަން ރުފިޔާ އަދި މަތީ ތައުލީމުގެ ލޯނު ފެސިލިޓީއަށް 651 މިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު