ނޮވެމްބަރު 3 އަށް 38 އަހަރު ފަހުން ރެކީ ޕެޓްރޯލަށް ނުކުތް 5 ބޭފުޅަކަށް އައްޑަނަ!

މ
4 ނޮވެމްބަރު 2026 10:54އަޕްޑޭޓްކުރީ 2 މިނިޓުގެ ކިޔުން
Aa

ނޮވެމްބަރު 3, 1988 ގައި ދުޝްމަނުން އުޅޭ ގޮތް ބަލަން ރެކީ ޕެޓްރޯލަށް ނުކުތް ސިފައިންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ފަސް ބޭފުޅަކަށް 38 އަހަރު ފަހުން ޝަރަފުގެ އައްޑަނަ ދެއްވައިފި އެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި ޑިފެންސް މިނިސްޓަރުގެ މަގާމުވެސް ފުރުއްވި މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލުގެ ކޮމާންޑުގެ ދަށުން ނޮވެމްބަރު 3 ގައި ރެކީ ޕެޓްރޯލަށް 11 ބޭފުޅުންގެ ޓީމެއް ނެގި އެވެ. އެއީ:

  1. ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލް

  2. ލާންސްކޯޕްރަލް ޢަބްދުﷲ ނަސީމް (ތިނަދޫ)

  3. ޕްރައިވެޓް ޙުސައިން މަނިކު (އުލަގަލަ)

  4. ޕްރައިވެޓް ޢަބްދުﷲ މުފީދު (ޅައިމަގު)

  5. ލާންސްކޯޕްރަލް އާދަމް ނަޞީރު (ޝޭޑީ)

  6. ޕްރައިވެޓް މުޙައްމަދު ޙަސަން (ދިޔަމިގިލި)

  7. ޕްރައިވެޓް މުޙައްމަދު އިބްރާހީމް (މެކާނޯ)

  8. ކޯޕްރަލް ޙުސައިން ޢަލީ (ފުއްކަފަ ދޮންތުއްތު)

  9. ޕްރައިވެޓް އިބްރާހީމް ޝަރީފް (އޮނުތޫރި)

  10. ޕްރައިވެޓް މުޙައްމަދު ޢަލީ (ކުޅުދުއްފުށި)

  11. ޕްރައިވެޓް ޢަލީ މާހިރު (ކުޑަރިކިލި)

މި ބޭފުޅުންގެ ތެރެއިން ކުޑަރިކިލީ އާއި ކުޅުދުއްފުށި ފިޔަވައި އެންމެންވެސް ސިފައިންގެ ގޭޓުން ނުކުތެވެ. އަދި ގޭޓުން ނުކުތް ބޭފުޅުންގެ ތެރެއިން ޝޭޑީ އާއި މެކާނޯ އަދި ދިޔަމިގިލީ ދުޝްމަނުންގެ ހަމަލާތަކުގައި ޝަހީދުވި އެވެ. ޝަހީދުވި ބޭފުޅުންގެ ހަނދާނަށް މިދިޔަ އަހަރު ވަނީ ޝަރަފުގެ އައްޑަނަ ދެއްވައިފަ އެވެ.

ރެކީ ޕެޓްރޯލަށް ނުކުތް ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ފަސް ބޭފުޅުން ކަމަށްވާ އިބްރާހީމް ޝަރީފް (އޮނުތޫރި) އާއި ޙުސައިން ޢަލީ (ފުއްކަފަ ދޮންތުއްތު) އާއި ޙުސައިން މަނިކު (އުލަގަލަ) އާއި ޢަބްދުﷲ ނަސީމް (ތިނަދޫ) އަދި ޢަބްދުﷲ މުފީދު (ޅައިމަގު) އަށް ނޮވެމްބަރު 3ގެ އައްޑަނަ އެރުވީ ރާއްޖޭގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ.

އެ ބޭފުޅުންނަށް އައްޑަނަ ހަވާލުކޮށްދެއްވީ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު