ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު
އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މަގުމަތީގައި ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމުގެ އަމަލުތަކުގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވާކަން ފާހަގަކުރެވިފައިވާތީ, އެ ފަރާތްތަކާމެދު އެޅެންހުރި އިދާރީ ފިޔަވަޅުތައް އެޅުމަށް އެ މުއައްސަސާތަކަށް އެ މައުލޫމާތު ހިއްސާކުރަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު ވަނީ ނުރައްކާތެރިކޮށް ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާކަން އިއުލާންކޮށްފަ އެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ, އެ މަސައްކަތުގެ ދަށުން، ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ މައުލޫމާތު ޕްރޮފައިލްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެގޮތުން އެފަދަ ފަރާތްތައް ދިވެހި ފުލުހުންގެ ހިދުމަތަށް ހާޒިރުކޮށް ނަސޭހަތްތެރިވުމަށްފަހު، މި އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާމެދު، ޓްރެފިކް ގާނޫނާއި ގަވާއިދުތަކުގެ ދަށުން ކުރިން ކުރަމުން އައި ޖޫރިމަނާގެ އިތުރުން، އިތުރު އިންޒާރަކާ ނުލައި ޖިނާއީ ތަހުގީގު ހިންގާނެ ކަމަށް ބުންޏެވެ.
މިގޮތުން ހާއްސަ ސަމާލުކަމެއް ދީގެން ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވަނީ:
ބިރުވެރިކަން އުފެދޭގޮތަށް ޒިގްޒެގްކޮށް ދުއްވުން
އުޅަނދަށް ބަދަލުގެނެސް ސައިލެންސަރު އަޑުގަދަކޮށް ދުއްވުން
ހަރު ބިންމަތީގައި ގާނަމުން ދުއްވުން
ދުވެލިމަތަތަކަށް މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވުން
ކަމާގުޅޭ އިދާރާތަކުގެ ހުއްދަ ނުނަގައި ރޭސްޖެހުމާއި ހުނަރުދެއްކުން
ނުރައްކާތެރިކޮށް އޯވަޓޭކްކުރުން
މަސްތުގެ ހާލަތުގައި ދުއްވުން
ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލުމާއި ފިލަން މަސައްކަތްކުރުން
ފުލުހުން ބުނީ, މި މަސައްކަތުގެ ދަށުން، ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް ހޯދައި، އުޅަނދު ދުއްވި ފަރާތުގެ އިތުރުން އުޅަނދުގެ ވެރިފަރާތާމެދުވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އުޅަނދުތައް 30 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވެރިފަރާތުން ހަވާލުނުވާ އުޅަނދުތައް، އޮންނަ އުސޫލުގެ ދަށުން ނައްތާލެވޭނެ ކަމަށްވެސް ބުންޏެވެ.










ކޮމެންޓް