ފޮޓޯ: އަންތާރާ

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި 47 މީހުން މަރުވެއްޖެ

ގ
16 އޮގަސްޓު 2026 02:231 މިނިޓުގެ ކިޔުން
Aa

ހޮނިހިރު ދުވަހު އިންޑޮނޭޝިޔާ އަށް އައި ބާރުގަދަ ބިންހެލުމުގައި ބިމާ ހަމަވި އިމާރާތެއްގެ ދަށުން، އަނިޔާވި މީހަކު ސަލާމަތްކޮށްގެން ނެރުމުގެ މަސައްކަތް ކުރަނީ

ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދަށް އައި ރިކްޓާ މިންގަނޑުން 7.7 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން، މިހާތަނަށް މަދުވެގެން 47 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

މި ބިންހެލުމަށްފަހު މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރު ވުމަކީ އެކަށީގެންވާ ކަމެއްކަމަށް އިންޑޮނޭޝިއާގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީ (ބީ.އެން.ޕީ.ބީ) އިން ބުނެފައިވެއެވެ. މީގެ އިތުރުން މި ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އަދި ބިންހެލުމުގެ ސަބަބުންނާއި އޭގެ ފަހުން އައި ބާރުގަދަ ލޮޅުންތަކުގެ ސަބަބުންވެސް އެ ސަރަހައްދުގެ އެތައް ސަތޭކަ އިމާރާތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އިންޑޮނޭޝިއާގެ މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ފްލޯރެސް އައިލެންޑަށް ހޮނިހިރު ދުވަހުގެ ފަތިހު 05:00 ހާއިރުއެވެ.

މި ބިންހެލުމަށްފަހު ވެސް އެ ސަރަހައްދަށް ބާރުގަދަ ލޮޅުންތަކެއް އަރާފައިވާއިރު، އޭގެ ތެރޭގައި ރިކްޓާ މިންގަނޑުން 6.1 ގެ ބާރުމިނުގެ ލޮޅުމެއް ވެސް ހިމެނެއެވެ. މީގެ އިތުރުން، އެގައުމުގެ ހުޅަނގުން ނޯތު ސުމަޓްރާ ސަރަހައްދަށް ވެސް 6.4 ގެ ބާރުމިނުގެ ބިންހެލުމެއް ވަނީ އައިސްފައިވެއެވެ. ނަމަވެސް މި ބިންހެލުން އުފެދިފައިވަނީކަނޑުގެ 163 ކިލޯމީޓަރު އަޑިންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު