ޝީޝާ މަނާ ކުރުމާއެކު ހަކުރުން ޓެކްސް ނެގުމަށް މަޝްވަރާކުރަނީ

މ
5 މާރިޗު 2026 13:57އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ރާއްޖޭގައި ޝީޝާ މަނާ ކުރުމާއެކު، ހަކުރުން ޓެކްސް ނެގުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ދުންފަތުގެ އިތުރު ބާވަތްތައް މަނާކުރުމާއި ހަކުރު އެކުލެވޭ ބާވަތްތަކުން ޓެކްސް ނެގުމަކީ އާއްމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ކަމަކަށްވާތީ، އެ ކަންތައްތައް ވަކި އުސޫލެއްގެ ތެރެއިން ރެގިއުލޭޓް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމާއި ވޭޕްގެ ބާވަތްތައް ރާއްޖޭގައި އެއްކޮށް މަނާކުރުމަކީ ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

”މިހާރު އަޅުގަނޑުމެން ވަރަށް މަޝްވަރާކުރާ ކަންތައްތަކުގެ ވާހަކަ ތި ދަންނަވާލީ ޝީޝާ އާއި ހަކުރާ … އަޅުގަނޑުމެން އެކި ލެވެލްގައި އެބަ މަޝްވަރާ ކުރެވޭ. ކިހާ ހިސާބެއްގައި ތޯ މުޅިން ތަންފީޒުވެގެން ދާނީ، އެއީ ކަންނޭނގެ އުފެދޭނެ ސުވާލަކީ. އެންމެ މުހިއްމު ދަނޑިވަޅުގައި، މުހިއްމު ހާލަތުގައި، މުހިއްމު ވަގުތުގައި އެކަންކުރުން ވަރަށް މުހިއްމު،“ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވި އެވެ.

ހަކުރު އެކުލެވޭ ބުއިންތަކުން ނަގާ ޓެކްސް ބޮޑުކޮށް، ޝީޝާ މަނާކުރުމަށް ސަރުކާރުން މަޝްވަރާ ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އިރު، އެކަން ކުރުމަށް ޑޮކްޓަރުންގެ ޖަމިއްޔާއިން ވެސް ވަނީ ގޮވާލައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު