ހިތުގެ ބަލިތައް ދެނެގަތުމަށް ބޭނުންކުރާ އެންމެ ޒަމާނީ ސިސްޓަމެއް އެސްޓީއޯ އިން ހުޅުމާލެ ހޮސްޕިޓަލަށް ހަދިޔާކޮށްފި

ގ
2 މާރިޗު 2026 10:39އަޕްޑޭޓްކުރީ 2 މިނިޓުގެ ކިޔުން
Aa

ހިތުގެ ބަލިތައް ދެނެގަތުމަށް ބޭނުންކުރާ އެންމެ ޒަމާނީ ސިސްޓަމެއް އެސްޓީއޯ ހެލްތްކެއާގެ ފަރާތުން ހުޅުމާލެ ހޮސްޕިޓަލަށް ހަދިޔާކޮށްފި އެވެ.

ހުޅުމާލެ ހޮސްޕިޓަލަށް ހަދިޔާކޮށްފައިވަނީ މެޑިކަލް އިމޭޖިން އަދި ހެލްތުކެއާ ޓެކްނޮލޮޖީގައި ދުނިޔޭގެ ކުރިއަރާފައިވާ ކުންފުންޏެއް ކަމަށްވާ ޖީ.އީ ހެލްތުކެއާ ބްރޭންޑުގެ ވިވިޑް E95 ކާޑިއޯވަސްކިއުލާ އަލްޓްރާސައުންޑް ސިސްޓަމެކެވެ.

ޖީއީ ހެލްތްކެއާ އާއި އެސްޓީއޯ ހެލްތްކެއާގެ ޕާޓްނާޝިޕްގެ ދަށުން ހަދިޔާކުރި މި ސިސްޓަމް ތައާރަފުކުރީ 22 ފެބްރުއަރީ 2026 ގައި ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި އެޕްލިކޭޝަން ޓްރެއިނިން ސެޝަންގެ ތެރެއިންނެވެ. މި ސެޝަންގައި ހުޅުމާލެ ހޮސްޕިޓަލުގެ ސިއްހީ މާހިރުންގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަންދޫބުންވެސް ބައިވެރިވި އެވެ.

އެސްޓީއޯ އިން ބުނީ، މިއީ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ޒަމާނީ ޑައިގްނޯސްޓިކް އިކުއިޕްމަންޓް ފޯރުކޮށްދީ، ހާއްސަ ބަލިތަކަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް އެސްޓީއޯ ހެލްތްކެއާގެ ފަރާތުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހަދިޔާކުރި ސިސްޓަމެކެވެ.

ޖީ.އީ ވިވިޑް E95އަކީ ހިތުގެ ބައިތަކާއި މަސައްކަތްކުރާ ގޮތް އަދި ލޭ ދައުރުވާ ގޮތް ވަރަށް ސާފުކޮށް ބަލާލެވޭނެހެން ފަރުމާކޮށްފައިވާ ހައި-ރިޒޮލިއުޝަން ކާޑިއެކް އިމޭޖިން ސިސްޓަމެކެވެ. މި ސިސްޓަމުގައި ބޮޑެތި މީހުންނާއި ކުޑަކުދިން އަދި އަލަށް އުފަންވާ ކުދިންނަށް ބޭނުންކުރެވޭނެ ޕްރޯބްތައް ހިމެނެ އެވެ.

މީގެ ސަބަބުން އަލަށް އުފަންވާ ކުދިންގެ ހިތުގެ އައިބުތައް ދެނެގަތުމަށާއި ހުރިހާ އުމުރުފުރައެއްގެ ބަލިމީހުންގެ ހިތުގެ ޓެސްޓުތައް ހެދުމަށް މަގުފަހިވެގެންދިއުމާއެކު ފަރުވާގެ ކަންކަމުގައި އަވަސް ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެ އެވެ.

އެސްޓީއޯ އިން ބުނީ، އެސްޓީއޯ ހެލްތްކެއާގެ ފަރާތުން ސިސްޓަމް ހަދިޔާކުރުމުގެ އިތުރުން އެ ސިސްޓަމް އިންސްޓޯލްކުރުމާއި އެޕްލިކޭޝަން ޓްރެއިނިން ދިނުމާއި މެދުނުކެނޑި ފަންނީ އެހީތެރިކަންވެސް ފޯރުކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން ވޮރެންޓީ އަދި އާފްޓާ-ސޭލްސް ސާވިސްގެ ހިދުމަތްވެސް ދޭނެ ކަމަށް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު