ހަފްތާ ފޮޓޯ

ލޯކަލް ކައުންސިލު އިންތިހާބަށް އީސީން ޓިކްޓޮކް މުބާރާތެއް

އ
23 ޖަނަވަރީ 2026 13:102 މިނިޓުގެ ކިޔުން
Aa

މީހަކު ވޯޓުލުމަށް އިނގިލީގައި ނިޝާން ޖަހަނީ

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޓިކްޓޮކް މުބާރާތެއް ފަށައިފިއެވެ.

އީސީން ބުނީ އެ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 31 ވަނަ ދުވަހުގެ 14:00ގެ ކުރިން 7871414 އަށް ޓެލެގްރާމްކުރުމަށް އެދޭ ކަމަށެވެ.

”ރަށު ކުރިމަގު“ ޓިކްޓޮކް މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ. ދެވަނައަށް 3،000 ރުފިޔާ އަދި ތިންވަނައަށް 2،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.

އެ މުބާރާތުގެ މަގުސަދަކީ، މުބާރާތުގައި ގެނެސްދޭ ވީޑިއޯތައް މެދުވެރިކޮށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން އާންމު ރައްޔިތުން ހޭލުންތެރިކުރުމާއި، އީސީގެ ޓިކްޓޮކް އެކައުންޓު ޕްރޮމޯޓުކުރުމާއި، އިންތިހާބުގެ އެކިއެކި މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް އިންތިހާބާ ގުޅިގެން މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތައް މަދުކުރުމަށް ފަރުދީގޮތުން ބައިވެރިވުމަށް ހިތްވަރުދިނުމެވެ.

އެ މުބާރާތުގެ ގަވާއިދުގައިވާ ގޮތުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް މުބާރާތުގައި ބައިވެރިވެވޭނެއެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ތައްޔާރުކުރާ ވީޑިއޯތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ވެސް 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް ވާން ޖެހެއެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރީކުރާ ފަރާތްތަކުން ވީޑިއޯ ތައްޔާރުކުރަން ހަތަރު މައުޟޫއެއް ވަނީ ކަނޑައަޅައިފައެވެ. އެއީ؛

  • ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުންތައް

  • އިންތިހާބެއްގެ ތެރޭގައި ކޮށްގެން ނުވާނެ ކަންކަން

  • ރަށު/ސިޓީއަށް ހާއްސަ އިންތިހާބުތަކުގައި (ލޯކަލް ކައުންސިލުތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ) ވޯޓުލުމުގެ މުހިންމުކަން

  • އިންތިހާބުގެ ދުވަސްވަރު ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމާއި އެކިއެކި މަސްދަރުތަކުން ލިބޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމުކަން

ގަވާއިދުގައި ބުނެފައިވާގޮތުން އެ މައުޟޫތަކަށް ވީޑިއޯ ތައްޔާރުކުރާ އިރު، މައުޟޫއާ ގުޅޭ ވަކި ކަމަކަށް ނުވަތަ ވަކި ސިނާރިއޯއަކަށް އަމާޒުކޮށް ވީޑިއޯ ތައްޔާރުކުރެވިދާނެއެވެ.

އެ މައުޟޫތަކުގެ ތެރެއިން ކޮންމެ ޓީމަކަށް ވެސް އެއް މައުޟޫއަށް ނުވަތަ އެއް މައުޟޫއަށްވުރެ ގިނަ މައުޟޫއަށް ނުވަތަ ހުރިހާ މައުޟޫއަކަށް ވެސް ވީޑިއޯ ތައްޔާރުކުރެވިދާނެ ކަމަށާއި ނަމަވެސް ކޮންމެ ޓީމަކަށް ވެސް އެއް މައުޟޫއަށް ތައްޔާރުކުރެވޭނީ އެއް ވީޑިއޯ ކަމަށް ގަވާއިދުގައިވެއެވެ.

ގަވާއިދުގައިވާ ގޮތުން ވީޑިއޯގެ ދިގުމިން ވާންޖެހޭނީ ޓިކްޓޮކް ޕްލެޓްފޯމަށް އެންމެ އެކަށޭނެ ގޮތަށް، މަދުވެގެން 30 ސިކުންތާއި ގިނަވެގެން 90 ސިކުންތެވެ.

ގަވާއިދުގައި ބުނެފައިވަނީ ވީޑިއޯތައް ތައްޔާރުކުރުމުގައި ވަކި ސިޔާސީ ކޮޅަކަށް ބުރަނުވުމާއި، އިސްލާމްދީނުގެ މުޖުތަމައުގެ ރިވެތި އާދަކާދަތަކާ ހިލާފުވުމާއި، ރާއްޖޭގެ ގާނޫނުތަކާއި އާންމު އަހުލާގީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރަން ވާނެ ކަމަށާއި އަދި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ބަސް ބޭނުންކުރުމާއި، އެއްވެސް ފަރާތަކަށް އިހާނެތިކޮށް ހިތުމާއި، ނަފުރަތު އުފެއްދުން ފަދަ ކަންކަން ހިމަނައިގެން ނުވާނެ ކަމަށެވެ.

ހުށަހަޅާ ވީޑިއޯއަކީ އެ ފަރާތެއްގެ އަމިއްލަ މަސައްކަތެއް ކަމުގައި ވާންވާނެ ކަމަށާއި އަދި އެ ވީޑިއޯތަކަކީ އެއްވެސް ފަރާތެއްގެ އުފެއްދުމަކަށް އުނިކަމެއް އަންނަ ވީޑިއޯއަކަށް ވެގެންނުވާނެ ކަމަށެވެ. އަދި ބިނާކުރަނިވި އުފެއްދުންތަކާއި އަމިއްލަ ހިޔާލުތަކަށް ސަމާލުކަން ދޭންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ވީޑިއޯ ޓިކްޓޮކަށް ޕޯސްޓުކުރާ އިރު، އީސީން ކަނޑައަޅާފައިވާ LCEWDCE2026# ހޭޝްޓެގް ބޭނުންކުރަން ޖެހެއެވެ. އީސީން ކަނޑައަޅާ އިވެލުއޭޝަން ކޮމިޓީން އެޕްރޫވްކުރާ ވީޑިއޯތައް އެ ކޮމިޝަންގެ ރަސްމީ ޓިކްޓޮކް އެކައުންޓުގައި ޕޯސްޓުކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު