"ޖެނެރޭޝަން ބޭން"އަށް އަމަލުކުރަން ފެށުމަށް ބާއްވާ ދުވުން ފަށައިފި

އ
31 އޮކްޓޫބަރު 2025 19:271 މިނިޓުގެ ކިޔުން
Aa

ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފެށުމަށް 24 ގަޑިއިރުގެ ދުވުން ފަށައިފިއެވެ.

އާ ގާނޫނުގެ ދަށުން، 01 ޖެނުއަރީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް މަނާވާނެއެވެ. ޖެނެރޭޝަން ބޭންއަށް އަމަލުކުރަން ފަށާނީ މިރޭ 12:00 ގައެވެ.

”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފެށުމުގެ ގޮތުން ބާއްވާ ދުވުން ފަށާފައިވަނީ މިއަދު ހަވީރު 4:00 ގައި މާލޭ އެކުވެނި ދަނޑުގައެވެ.

އެކުވެނި ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަދި ގައުމީ އެތްލީޓް އަހުނަފް ރައްޔާން ފަހުމީއާ ޓޯޗް ހަވާލުކޮށްދެއްވައިފައެވެ. އެ ދުވުން މާދަމާ ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އެ ދުވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ހުޅުވާލައިގެން، ބޭނުން ކޮންމެ މީހަކަށް ބައިވެރިވެވޭގޮތަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ ހަރާކާތާއެކު ސެޒޭޝަން ކްލިނިކްގެ އެހީތެރިކަމާއި ސިއްހީ ރަނގަޅު އާދަތަކަށް އަހުލުވެރިކުރުވުމާއި މައުލޫމާތުދިނުން ކުރިއަށްދާނެ ކަމަށާއި އޭގެ އިތުރުން ލައިވް މިއުޒިކް އަދި ފޮޓޯ ބޫތެއް ހިމެނޭނެ ކަމަށެވެ.

”ޖެނެރޭޝަން ބޭން“ އެއްގެ އިތުރުން ގާނޫނުގެ ދަށުން ވޭޕް ބޭނުންކުރުމާއި އެތެރެކުރުން ވެސް މަނާކޮށްފައެވެ. އަދި ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލުކުރުމަށް ވެސް ފިޔަވަޅުތަކެއް އަޅައިފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު