ޖިނާއީ މައްސަލައެއްގައި ދައުވާނުކުރާ ނަމަ، އެއްއަހަރު ތެރޭ ލިޔެކިޔުންތައް ނައްތާލެވޭ ގޮތް ހަދައިފި

އ
22 އޮކްޓޫބަރު 2025 15:341 މިނިޓުގެ ކިޔުން
Aa

ފުލުހުންގެ މައި އިދާރާ

ޖިނާއީ މައްސަލައެއްގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ނުކުރަން ނިންމައިފި ނަމަ، އެ މައްސަލައިގެ ލިޔެކިޔުންތައް އެއްއަހަރު ތެރޭގައި ނައްތާލެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިއްޔެ އާންމުކުރި ”ޕޮލިސް ރެކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު“ ގައިވާ ގޮތުން އިސްލާހުކޮށްފައިވަނީ ރައްކާކުރަން ޖެހޭ ލިޔެކިޔުމާއި މައުލޫމާތުތަކާ ގުޅޭ މާއްދާއެވެ.

އެ އިސްލާހުގައި ވަނީ، ޖިނާއީ މައްސަލައެއްގައި ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީން ނިންމައިފި ނަމަ، އެ ނިންމުން ނިންމި ތާރީހުން ފެށިގެން އެއްއަހަރު ދުވަހުގެ ތެރޭގައި ގަވައިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތީން އަމަލުކުރުމަށްފަހު އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރެކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ ޑިޕާޓްމެންޓުގެ ވެރިޔާއަށް ނިންމިދާނެ ކަމަށެވެ.

ތަހުގީގު ނިމިފައިވާ ޖިނާއީ މައްސަލައެއްގައި، އެ މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ އަދި އެ މައްސަލައިގައި ދައުވާ އުފުލޭނެ މިންވަރަށް ހެކި ލިބިފައިވާ މައްސަލައަކަށް ނުވާ ނަމަ، އެ މައްސަލައިގެ ބާވަތަށާއި ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، އަލުން ހެއްކެއް ލިބިދާނެ ކަމަށް ނުބެލެވޭ ކަމަށް އެ މައްސަލައެއް ތަހުގީގުކުރާ ފަރާތަށާއި އެ ފަރާތުގެ ސުޕަވައިޒަރަށް ގަބޫލުކުރެވޭކަން ބަޔާންކޮށް ލިޔުމުން ކުރާ އެންޑޯޒްމަންޓަކަށް ބިނާކޮށް، އެ މައްސަލައެއް ފައިލްކުރެވުނު ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެތެރޭގައި އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމުގެ ބާރު ޕޮލިސް ރެކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ ޑިޕާޓްމެންޓުގެ ވެރިޔާއަށް ލިބިގެންވާ ކަމަށް އިސްލާހުގައިވެއެވެ.

ގަވާއިދުގައި ވަނީ، މައްސަލައެއްގެ ލިޔެކިޔުންތައް ނައްތާލުމުގެ ކުރީން، އެ މައްސަލައެއްގެ ހުރިހާ ލިޔެކިޔުންތަކެއް ސްކޭން ކުރަންވާނެ ކަމަށާއި މައްސަލައެއްގެ ލިޔުންތައް ނައްތާލަން ވާނީ ނަކަލު ނުކުރެވޭ އަދި ނަގުލުވެސް ނުކުރެވޭ ގޮތަކަށް ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު