މިއަހަރުގެ މިހާތަނަށް ތިން ލޯނަކަށް 1.3 ބިލިއަން ރުފިޔާ ނަގައިފި

ރ
20 އޮގަސްޓު 2025 14:291 މިނިޓުގެ ކިޔުން
Aa

މި އަހަރު މިހާތަނަށް ސަރުކާރުން ނަގާފައިވާ ލޯނުތަކަށް ޖުމްލަ 1.3 ބިލިއަން ރުފިޔާ އަރާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސަރުކާރުން މިހާތަނަށް 3 ލޯނު ނަގާފައިވެއެވެ.

މިއީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން ދެ ލޯނަކާއި ސައުދީ ފަންޑް ފޯ ޑިވަލޮޕްމެންޓުން އެއް ލޯނެވެ.

މިގޮތުން އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން މި އަހަރުގެ ފެބްރުއަރީ މަހުގައި ނަގާފައިވާ މި ދެލޯނަކީ، މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ޕްރޮޖެކްޓްތަކަށް ބޭނުންކުރުމަށް ނަގާފައިވާ ލޯނުތަކެކެވެ. މި ލޯނުތަކުގެ ޖުމްލަ އަދަދަކީ 992 މިލިއަން ރުފިޔާއެވެ.

މި ދެލޯނުގެ އިތުރުން ސައުދީ ފަންޑުން ފޯ ޑިވަލޮޕްމެންޓުން 262 މިލިއަން ރުފިޔާގެ ލޯނެއް މި އަހަރުގެ އޭޕްރިލް މަހުގައި ނަގާފައިވެއެވެ. މި ލޯނަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަށް ނަގާފައިވާ ލޯނެއް ކަމަށް ފައިނޭސް މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.

މިދިއަ އަހަރުވެސް ސަރުކާރުން ވަނީ ރާއްޖޭގެ ގިނަ މަސައްކަތްތަކެއް ނިންމުމަށްޓަކައި ނުވަލޯނަކަށް 5.2 ބިލިއަން ރުފިޔާ ނަގާފައެވެ. އެހެންކަމުން، މިނިސްޓްރީއިން އާންމު ކޮށްފައިވާ މައުލޫމާތުގައިވާ ގޮތުގައި މިދިއަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނީގެ ގޮތުގައި 139 ބިލިއަން ރުފިޔާވާ ކަމަށާއި މި އަހަރު 150 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައިވެއެވެ.

މީގެއިތުރުން ކަރެންސީ ސްވޮޕާ އެކު މިއަހަރު ދައުލަތުން ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު، 15.42 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު