މާދަމާ މާލެއާއި ހުޅުމާލެއިން އެއް ގަޑިއިރަށް ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މ
22 އޮގަސްޓު 2025 19:451 މިނިޓުގެ ކިޔުން
Aa

މާދަމާ މާލެއާއި ހުޅުމާލެއިން އެއް ގަޑިއިރަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން މިރޭ ބުނީ މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖާ މަސައްކަތެއް ކުރުމަށް، މާދަމާ ހެނދުނު 06:00 ން 10:00 ށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމަށް ވަނީ ނިންމާފައި ކަމަށެވެ.

އެ މަސައްކަތް ކުރިއަށްދާ ވަގުތު، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން، ކޮންމެ ސަރަޙައްދަކުން ގާތްގަނޑަކަށް އެއްގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް

ސްޓެލްކޯއިން ބުންޏެވެ.

މިގޮތަށް ލޯޑް ޝެޑް ނުވަތަ ކަރަންޓު ކެނޑުމުގެ ކުރިން އެސް.އެމް.އެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު މެދުކެނޑޭނެ ވަގުތުތަކާއި ސަރަހައްދުތައް ދުރާލާ އަންގަމުންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެހެންނަމަވެސް، ހިދުމަތް މެދުކެނޑޭ ސަރަޙައްދުތަކުގައި ހިމެނޭ ހޮސްޕިޓަލްތަކާއި، އަދި އެހެނިހެން މުހިންމު ހިދުމަތްތައްދޭ މުއައްސަސާތައް (ކްރިޓިކަލް އިންފްރާސްޓްރަކްޗާ) އަށް ކަރަންޓުގެ މެދުކެނޑުމެއް ނާންނާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯގެ އަމާޒަކީ މި މަސައްކަތް ތާވަލުކުރެވިފައިވާ ގަޑިގެ ކުރިން ނިންމައި، ވީއެންމެ އަވަހަކަށް އާންމު ހާލަތަކަށް ކަރަންޓުގެ ޚިދުމަތް ގެނައުން ކަމަށެވެ.

މިއީ ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ، މައްސަލަތައް ހުއްޓުވުމުގެ ގޮތުން ނުވަތަ ޕްރިވެންޓިވް މެޝާއެއްގެ ގޮތުގައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް އިހުލާސްތެރިކަމާއެކު މައާފަށް އެދޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު