ޝަމީމް މަރާލަން އުޅުނު މައްސަލަ ހައިކޯޓަށް

މ
24 މެއި 2025 23:182 މިނިޓުގެ ކިޔުން
Aa

ޕީޖީ ހުސެއިން ޝަމީމް

ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަރާލުމުގެ ގޮތުން މަރުތެލޭތަކުން ހަމަލާ ދިން ކަމަށް ބުނާ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ ޝަފީއު މިއަދު މީޑިއާތަކަށް ވިދާޅުވީ، އެ މައްސަލަ އަންނަ ހޯމަ ދުވަހުގެ ކުރިން ހައިކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.

ޝަމީމަށް ހަމަލާދީފައި ވަނީ 31 ޖެނުއަރީ 2024ގެ ހެނދުނުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭ ދޮރުމަތިންނެވެ. އެ މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. ނަމަވެސް، އެ މީހުންގެ މައްޗަށްކުށް ސާބިތު ނުވާ ކަމަށް މި މަހު 13 ގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ

  • ރ. އަލިފުށި/ ރިވެލި، މިދުހަތު އާދަމް (24އ)

  • ލ. ގަން، ތުނޑި/ ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާން (22އ)

  • ދަފްތަރު ނަންބަރު 2247، އަހުމަދު މައިސާން ހާޝިމް (20އ)

  • ތ. ގާދިއްފުށި/ މުސްތަރީގެ، ޝަމާލް ހުސެން (21އ)

  • އދ. މާމިގިލި/ ކެމީހިޔާ، ޒަޔާން ނަސީރު (23އ)

  • ތ. ދިޔަމިގިލި/ ރުވާ، އަބާން އަބްދުއްހައްނާން (23އ)

  • ލ. މާމެންދޫ/ މުރިނގު، ރަޖުވާން ލަތީފް (22އ)

ދައުލަތުން އެ ހުރިހާ މީހުންގެ މައްޗަށް ކޮށްފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާތަކަށް އެ މީހުން ވަނީ އިންކާރުކޮށްފަ އެވެ.

ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމުގެ ގޮތުން ޝަމީމާއި އޭނާއަށް ހަމަލާ ދިން މަންޒަރު ފެނުނު މީހުންނާއި މައްސަލަ ތަހުގީގުކުރި ފުލުހުން ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އޭގެ އިތުރުން ފުލުހުން ތައްޔާރުކޮށްފައިވާ ވީޑިއޯ އެނަލިސިސް ރިޕޯޓަކާއި ދައުވާ ރައްދުވާ ފަރާތްތަކަކީ ގޭންގަކަށް ނިސްބަތްވާ ބައެެއްކަން ސާބިތުކުރުމުގެ ގޮތުން އެ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ އެނަލިސިސް ރިޕޯޓަކާއި ގޭންގު ކުށްތަކުގެ ދެ ތަޖުރިބާކާރު ފުލުހަކު ހެކީގެ ގޮތުގައި ހުށަހެޅި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެ މައްސަލަ ބެލުމަށްފަހު މައްސަލައިގެ ރައުޔު އިއްވަމުން ގާޒީ އިބްރާހީމް އިހުސާން ވިދާޅުވީ ދައުވާ ލިބޭ މީހުންނާ ދެކޮޅަށް މައިގަނޑު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ ސީސީޓީވީ ފޫޓޭޖެއް ކަމަށާއި ނަމަވެސް އެއީ ސައްހަ ފޫޓޭޖެއް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

އެގޮތުން ދައުވާ ލިބޭ މީހުން ޝަމީމަށް ހަމަލާ ދިން ކަމަށް ދައުލަތުން ފާހަގަކުރާ ވަގުތާއި ސީސީޓީވީ ފޫޓޭޖުން ފެންނަން ހުރި ވަގުތު ތަފާތު ކަމަށާއި ފުޓޭޖުތަކުގެ ގަޑިއާ ފަރަގު ހުރި ސަބަބު ދައުލަތުން ސާފުކޮށްދީފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ އިތުރަށް ވިދާޅުވީ މި މައްސަލައިގައި އަނިޔާވި ފަރާތަކީ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށާއި ޕްރޮސިކިއުޓާ ޖެނެރަލަށް ހަމަލާދިންކަމަށް ތުހުމަތުވާ މީހުންނާ ދެކޮޅަށް ހުށަހަޅާފައިވާ އެންމެ މުހިންމު ހެކީގެ ސައްހަކަމާ މެދު ސުވާލު އުފެދުމުން، އެކަމަށް ޖަވާބުދާރީނުވުމަކީ ދައުވާ ސާބިތުނުވާކަން ކަނޑައަޅަންޖެހޭ ސަބަބެއް ކަމަށެވެ.

އެކަންކަން ފާހަގަކޮށް ކުރިމިނަލް ކޯޓުގެ ގާޒީ ހުކުމްކުރެއްވީ މި މައްސަލައިގައި ހައްޔަރުކުރި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅަން އެކަށީގެންވާ ހެކި ދައުލަތުން ހުށަހަޅާފައިނުވާތީ ދައުވާ ސާބިތުނުވާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު