އިޒްރޭލް ޕާސްޕޯޓް މަނާކުރުމަކީ ރައީސް މުއިއްޒުގެ ހިތްވަރުގަދަ ނިންމުމެއް: އަންވަރު

މ
28 އޭޕްރީލް 2025 15:361 މިނިޓުގެ ކިޔުން
Aa

އިޒްރޭލް ޕާސްޕޯޓް އޮންނަ މީހުން ރާއްޖެ އެތެރެވުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ހިތްވަރުގަދަ ނިންމެވުމެއް ކަމަށާއި އެކަމަށް އިހުތިރާމް ކުރައްވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު، މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އަންވަރާއެކު ރަސްމީ މަޝްވަރާތައް ބާއްވަވައިފަ އެވެ.

އެ މަޝްވަރާތަކަށްފަހު ދެ ގައުމު ގުޅިގެން ދެއްވި ޖޮއިންޓް ޕްރެެސްއެއްގައި އަންވަރު ވަނީ ފަލަސްތީންގެ މައްސަލައިގައި ރާއްޖެއިން ގެންގުޅޭ އުސޫލަށް ތައުރީފު ކުރައްވައިފަ އެވެ. އެގޮތުން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން ނިންމުމަކީ ހިތްވަރުގަ ނިންމުމެއް ކަމަށް ވިދާޅުވި އެވެ.

”މެލޭޝިއާއާއި ރާއްޖެއާ ގެންގުޅެނީ އެއް ވިސްނުމެއް. (އިޒްރޭލު ޕާސްޕޯޓް މަނާކުރަން) ރައީސް މުއިއްޒު ނިންމެވި ހިތްވަރުގަދަ އަދި ވަރުގަދަ ނިންމެވުމަށް ވަރަށް އިހުތިރާމް ކުރަން،“ އަންވަރު ވިދާޅުވި އެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް، އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އައުން މަނާކުރަން ރައްޔިތުންގެ މަޖިލީހުން އިމިގްރޭޝަން ގާނޫނު އިސްލާހު ގެނައީ މި މަހުގެ 15 ވަނަ ދުވަހު އެވެ. ހަމަ އެ ދުވަހު ރައީސް ވަނީ އެ ބިލު ތަސްދީގު ކުރައްވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު