އިލްމު އުނގެނޭށެވެ. އެހެނީ މަރުވުމަށްފަހުވެސް އުނގެނި، އަނެކާއަށް ފޯރުކޮށްދިން އިލްމުގެ ފައިދާ ކުރާނެ އެވެ.

މ
4 އޭޕްރީލް 2025 13:042 މިނިޓުގެ ކިޔުން
Aa

އިލްމު އުނގެނުމަކީ ތިމާއަށާއި އެހެން މީހުންނަށް ނުހަނު ފައިދާއާއި ލާބަހުރި ކަމެއް ކަމަށާއި އިލްމުވެރިޔާ މަރުވުމަށްފަހުގައިވެސް އޭނާ އުނގެނި, އެހެން މީހުންނަށް ފޯރުކޮށްދީފައިވާ އިލްމެއްގެ ފައިދާ ކުރާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”އިލްމު އުނގެނުމުގެ މާތްކަން“ މި މައުޞޫއަށް މިއަދު ދިން ހުތުބާގައި ބުނީ, އިލްމުވެރިންގެ މަތިވެރިކަން މާތް الله ބަޔާން ކުރައްވާފައިވާ ކަމަށެވެ. އެގޮތުން އީމާންވި މީހުންނާއި އިލްމު ލިބިގެންވާ މީހުން الله ދަރަޖަތަކަކަށް އުފުލައްވާނެ ކަމަށް މާތް الله ވަހީކުރައްވާފައިވާ ކަމަށް ބުންޏެވެ. އަދި މާތް الله އަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަގުވާވެރިވާ މީހުންނަކީ، އިލްމު އުނގެނި އެ އިލްމާ އެއްގޮތަށް އަމަލުކުރާ މީހުން ކަމަށްވެސް ބުންޏެވެ

ހުތުބާގައި ބުނީ, ނަބީބޭކަލުން މީސްތަކުންނަށް ވާރުތަކުރެއްވީ އިލްމު ކަމަށާއި އެހެންކަމުން ނަބީބޭކަލުންގެ ވާރިސުންނަކީ އިލްމުވެރީން ކަމަށާއި މާތް الله އިލްމުވެރީންނަށް ހާއްސަކަމެއް ދެއްވާފައިވާ ކަމަށެވެ.

އެގޮތުން އިލްމު އުނގެނުނު އިލްމާ އެއްގޮތަށް ޢަމަލުކުރާ އިލްމުވެރިޔާގެ ފަރާތުން މީސްތަކުންނަށް ކުރާ މަންފާ ބޮޑުވާނެ ކަމަށާއި އެއާ ހިލާފަށް އަޅުވެރިޔާ ކުރާ އަޅުކަމުގެ ސަބަބުން މަންފާ ކުރާނީ ހަމައެކަނި އޭނާގެ އަމިއްލަ ނަފުސަށް ކަމަށް ބުންޏެވެ.

އިލްމު އުނގެނުމަށް، މާތް ނަބިއްޔާ ވަރަށް ބޮޑަށް ބާރު އެޅުވިކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ, ބަދުރު ހަނގުރާމައިގެ އަސީރުން މިނިވަންވުމަށް ފިދުޔައިގެ ބަދަލުގައި މުސްލިމް ދިހަ ކުއްޖަކަށް ލިޔަންކިޔަން ދަސްކޮށްދިނުން ޝަރުތު ކުރެއްވުމުން އެކަން ދޭހަވާ ކަމަށެވެ.

އެހެންކަމުން އެ ހެޔޮ ކަމަށް އެދޭ މީހުން ޝަރުއީ އިލްމު އުނގެނުމަށް ވަގުތު ހުސްކުރުން މުހިންމު ކަމަށެވެ. އެގޮތުން މާތް ނަބިއްޔާ ހަދީޡް ކުރައްވާފައިވެ އެވެ. ”އިންސާނާ މަރުވުމުން ތިންކަމަކުން މެނުވީ އޭނާގެ އަމަލުތައް ނިމެއެވެ. އެއީ ދެމިގެންދާ ސަދަގާތަކުން ނުވަތަ ފައިދާހުރި އިލްމަކުން، ނުވަތަ އޭނާ ދޫކޮށް ދިޔަ، އޭނާއަށްޓަކައި ހެޔޮދުއާކުރާނޭ ސޯލިހު ދަރިއެއްގެ ފުށުން މެނުވީއެވެ.“

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު