ރައީސް، ފިޔާޒަށް ގުޅައި އިންޒާރެއް ނުދެއްވާ، ދައުވާއެއް ނުކުރެވޭނެ: ޕީޖީ އޮފީސް

މ
24 މާރިޗު 2025 19:02އަޕްޑޭޓްކުރީ 2 މިނިޓުގެ ކިޔުން
Aa

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު، އަދަދު ނޫހުގެ ނޫސްވެރިޔާ އަދި ސީއީއޯ ހުސެއިން ފިޔާޒު މޫސާއަށް ފޯނުން ގުޅުއްވައި، އިންޒާރުގެ ގޮތުގައި މާނަކުރެވޭނެ ބަހެއް ބޭނުން ކުރައްވާފައި ނުވާތީ އެ މަނިކުފާނުގެ މައްޗަށް ދައުވާ ނުކުރާން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ. އޮފީހުން ނިންމައިފި އެވެ.

ރައީސް، ފިޔާޒަށް ފޯނުން ގުޅުއްވައި ބިރު ދެއްކި ކަމަށް ބުނެފައިވަނީ 14 މާޗު 2025 ގައެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މައްސަލަ ފިޔާޒުގެ ފަރާތުން ފުލުހަށް ހުށަހެޅުމުން އެ މައްސަލަ އެ ހިދުމަތުން ތަހުގީގުކުރުމަސްފަހު 23 މާޗު2025 ގައި ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

”މި މައްސަލާގައި ދިވެހި ފުލުހުންގެ ހިދުމަތުން ހޯދާފައިވާ ހެކި ގަރީނާ މި އޮފީހުން ދިރާސާކޮށް ބެލި އިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ޙުސައިން ފިޔާޒު މޫސާއަށް ގުޅައި އިންޒާރު ދިންކަމަށް ގާނޫނީ ގޮތުން މާނަކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވާފައިވާކަން އެނގެން ނެތަތީ، މި މައްސަލައިގައި ދަޢުވާ ނުކުރުމަށް މި އޮފީހުން ވަނީ ނިންމާފައެވެ.،“ ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި އިންޒާރުދިނުމުގެ ކުށް ގާނޫނުގައި ތަޖުރީމުކޮށްފައިވަނީ ތިރީގައިވާ ގޮތަށެވެ.

  • ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 120 ވަނަ ބާބު – އިންޒާރެއް ދިންކަމަށް ގާނޫނީ ގޮތުން ބެލެވޭނީ، މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން، މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފި ކަމަށް ވާނަމަ އެވެ. އަދި މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެކަމުގެ ބިރު ދައްކައިފި ނަމަ އެވެ.

  • ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާ – އިންޒާރެއް ދިންކަމަށް ގާނޫނީ ގޮތުން ބެލެވޭނީ، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ އާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކައި ނުވަތަ އިންޒާރުދީފައިވާ ނަމަ އެވެ.

ޕީޖީ އޮފީހުން ބުނީ، ފިޔާޒުގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ، ރައީސް އޭނާއަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައި ”ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް“ ވިދާޅުވެ އޭނާއަށް އިންޒާރު ދީފައިވާކަމަށް ބަޔާންކޮށް ކަމަށްވާއިރު، މިއީ އިސްވެ ދެންނެވުނު ގާނޫނީ ނައްސުތަކަށް ފެތޭ އިންޒާރުދިނުމުގެ އަމަލަކަށްނުވާތީ މިއީ ޖިނާއީ ދަޢުވާއެއް ކުރެވޭނެ މައްސަލައެއް ނޫން ކަމަށް މި އޮފީހުން ނިންމީ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު