ސަރުކާރުން، ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއަށް ޓެކްސް ދެއްކުން މަޑުޖައްސާލަން އަމުރުކޮށްފި

މ
5 ފެބްރުއަރީ 2025 13:101 މިނިޓުގެ ކިޔުން
Aa

ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔަ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޗަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުނިން ޓެކްސްގެ ގޮތުގައި ދައުލަތަށް ދެއްކި ފައިސާ އެ ކުންފުންޏަށް ދީ، ސަރުކާރުން ޓެކްސް ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން މަޑުޖައްސާލަން ހައިކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ޗަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުނިން ވަނީ ޓެކްސްގެ ގޮތުގައި ދިވެހި ދައުލަތައް 227،560 ރުފިޔާ ދައްކައިފަ އެވެ. އެ ފައިސާ ހޯދުމަށާއި ސަރުކާރުން މަޝްރޫއު ހަވާލުކުރީ ޓެކްސް ނުހިމަނާ ކަމަށް ބުނެ އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން މައްސަލަ ނިމުނީ އެ ކުންފުންޏާ އެއްކޮޅަށެވެ.

ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް ހައިކޯޓުން މައްސަލައާ މެދު ގޮތެއް ކަނޑައަޅައި ނިމެންދެން ހުކުމް ތަންފީޒުކުރުން މަޑުޖައްސާލުމުގެ އަމުރަކަށް ދައުލަތުން އެދުނެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ސަލީމް (ރިޔާސަތު) ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.

ފަނޑިޔާރު މުހައްމަދު ސަލީމް މި މައްސަލައިގެ ރައުޔުގައި ވިދާޅުވީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކޮށްފިނަމަ މި މައްސަލައިގެ އިންސާފަށް ހުރަސް އެޅިދާނެ ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދޭން ޖެހޭ ކަމަށް ފެންނަ ކަމަށް ފަނޑިޔާރު ސަލީމް ރައުޔު ކަނޑައެޅުއްވި އެވެ.

އެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ތާއީދު ކުރެއްވިއެވެ. އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދީފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު