އޭސީސީއަށް ހައިކޯޓުން ވެސް ނާކާމިޔާބު، ޕޮލިސް ޕްރޮމޯޝަން ހުއްޓުވުމުގެ އަމުރެއް ނުދިން

މ
27 ޖަނަވަރީ 2025 15:552 މިނިޓުގެ ކިޔުން
Aa

އަވަސް އަރުވާލައިގެން ފުލުހުންގެ އިސް އޮފިސަރުންތަކަކަށް ޕްރޮމޯޝަން ދިން މައްސަލާގައި އެ ކަން ހުއްޓުވަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނުދިނުމުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހަައި ކޯޓަށް ހުށަހެޅުމުން ވެސް އަމުރު ނެރެދެވެން ނެތް ކަމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.

ފުލުހުންނަށް ޕްރޮމޯޝަން ދިނުމުގެ މަސައްކަތް 2023 ވަނަ އަހަރު ފެށުމުން އެ މަސައްކަތް މަޑުޖައްސާލަން އޮކްޓޫބަރު، 2023 ގައި އޭސީސީން ވަނީ ފުލުހުންނަށް އަންގައިފަ އެވެ. ނަމަވެސް އެ އެންގުމަށް ފުލުހުން އަމަލުކޮށްފައިނުވެ އެވެ. އެ މައްސަލަ އޭސީސީން ސިވިލް ކޯޓަށް ހުށަހެޅުމަށްފަހު، އެ މައްސަލަ ނިމެންދެން ޕްރޮމޯޝަންތައް މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެ ކޮމިޝަނުން އެދުނެވެ. އެ މައްސަލާގައި ސިވިލް ކޯޓުން ޑިސެމްބަރު، 2023 ގައި ނިންމާފައި އޮތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އޭސީސީން ވަނީ ސިވިލް ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދުކުރި ހުކުމުގައި ރައުޔުގައި ބުނީ ވަގުތީ އަމުރު ނެރެދިނުމަށް އެދި އޭސީސީން ފާހަގަކުރާ ގާނޫނީ ނުކުތާތަކަކީ މައުލޫއީ ނުވަތަ މުޅި މައްސަލާގައި ގޮތެއް ކަނޑައެޅުމުގައި ބަލަން ޖެހޭ ނުކުތާތައް ކަމަށެވެ. ރައުޔުގައި ވަނީ ބުނީ މައުލޫއީ މައްސަލައިގައި ގޮތެއް ނިންމަން ޖެެހެނީ އެފަދަ އެންގުމެއް އެންގުމުގެ ބާރު އޭސީސީއަށް އޮވޭތޯ ނުވަތަ ނޯވޭތޯ ކަނޑައެޅުމަށްފަހު ކަމަށެވެ.

ރައުޔުގައިވާ ގޮތުން ވަގުތީ އަމުރު ނުނެރެފި ނަމަ، އަމުރަށް އެދޭ ފަރާތަށް (އޭސީސީ)އަށް ލިބޭނެ ގެއްލުމެއް އެ ކޮމިޝަނުން ޝަރީއަތަށް ސާފުކޮށްދީފައިނުވެއެވެ. ފުލުހުންނަށް މިހާރު ވެސް ޕްރޮމޯޝަން ދީ، އެ ގޮތަށް މުސާރަ ދެމުން ދާއިރު ދެން އިތުރު އެއްވެސް ކަމެއް ނުކުރަން އަމުރުކޮށްގެން ނުކުންނާނެ ނަތީޖާއެއްގެ ތަފުސީލެއް ވެސް އޭސީސީން ޝަރީއަތަށް ދީފައިނުވާ ކަމަށް ރައުޔުގައިވެ އެވެ.

އެހެންވެ ހައިކޯޓުން ހުކުމްކުރީ އޭސީސީން އެދުނު ގޮތަށް ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު