ގެއަކަށް ވެއްދުމަށްފަހު އޮރިޔާންކޮށް، ފޭރުން: މަންމައާއި ދަރިފުޅު އެއް އަހަރަށް ޖަލަށް ލައިފި

މ
23 ނޮވެމްބަރު 2024 20:532 މިނިޓުގެ ކިޔުން
Aa

މާލޭގެ ގެއަކަށް މީހަކު ވެއްދުމަށްފަހު އެ މީހާ ބަރަހަނާކޮށް, ބިރު ދައްކައިގެން އެކައުންޓުން ފޭރުނު މައްސަލައިގައި ހިމެނޭ މަންމައާއި ދަރިފުޅުގެ މައްޗަށް އެއް އަހަރާއި ދެމަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން އިއްވައިފި އެވެ.

މިއީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި މއ. މަސްފަން ގެއަށް މީހަކު ވައްދައި، އެ މީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އޭނާގެ މޯބައިލް ފޯނު އަތުލައި އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމް އިން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

އެ މައްސަލާގައި އެ މީހާ ހިފެހެއްޓުމަށްފަހު، އޭނާއަށް ބިރު ދައްކައިގެން އޭނާގެ އެކައުންޓުން އެހެން އެކައުންޓަކަށް 20،000ރ. ފޮނުވާފައިވާ ކަމަށާއި އަދި އަނިޔާ ލިބުނު މީހާގެ ކާޑު ބޭނުންކޮށްގެން އޭޓީއެމުން 25،000ރ. ނަގާފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ އެ މީހާ ރަހީނުކުރި ގެ، މއ. މަސްފަން/ އާއިޝަތު (43އ) އާއި އޭނާގެ ދަރިފުޅު މުހައްމަދު ރީހާން (27އ) އަދި ސ. ހިތަދޫ/ ސޯމާ، ޝަގީގު އިބްރާހިމް (35އ) އެވެ.

ދައުލަތުން އެތިން މީހުންގެ މައްޗަށް ކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުން އަނިޔާއެއް ދިނުމާއި، ފޭރުމާއި އަދި އެނގިހިރު ހުއްދަނޫން ގޮތެއްގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ އެވެ.

ފޭރުމުގެ ކުށުގެ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. އަދި އަނިޔާއެއް ދިނުމުގެ ކުށުގެ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. އަދި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

އެހެންވެ ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ އެ ތިން މީހުން ޖުމްލަ އެއް އަހަރާއި ތިން މަސް ދުވަހަށް ޖަލަށްލުމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު