ކ. ގުޅިން މި މަހުގެ މިހާތަނަށް 11 މީހަކަށް ފާނަބަސަންދު ޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މީހަކަށް އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކު ވެސް ފާނަބަސަންދުގެ ކޭސްތައް ފެންނަ ކަމަށެވެ. އެގޮތުން މި އަހަރުގެ މި މަހުގެ ނިޔަލަށް މުޅި ރާއްޖެ އިން ވަނީ ފާނަބަސަންދުގެ 2،977 ކޭސް ފެނިފައިވާ ކަމަށް ބުންޏެވެ.
އެޗްޕީއޭ އިން ބުނީ ފެނުނު ކޭސްތަކުގެ ތެރެއިން 1،506 ކޭސް އަކީ މާލޭ ސަރަހައްދުން ފެނުނު ކޭސްތައް ކަމަށެވެ.
ވައިރަހަކުންޖެހޭ ފާނަބަސަންދަކީ އާންމުކޮށް ކުޑަކުދިންނަށްޖެހޭ ބައްޔެއް ނަމަވެސް ބޮޑެތި މީހުންނަށްވެސް އެ ބަލި ޖެހެ އެވެ. އެ ބަލި ޖެހިއްޖެނަމަ ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަވެ އެވެ. އަދި ފާނަބަސަންދުން ރައްކާތެރިވުމަށް ޖަހަންޖެހޭ ޗިކަންޕޮކްސް ވެކްސިން ފާމަސީތަކުން ލިބެން ހުރެ އެވެ.
ފާނަބަސަންދު ބަލީގެ އަލާމަތްތައް:
ހުންއައުން
ނޭފަތުން ފެން އައުން
ހަމުގައި ބިހިތަކެއް ނެގުން
ފާނަބަސަންދު ފެތުރޭ ގޮތް:
ބަލިޖެހިފައި ހުރި މީހަކު ކެއްސައި ކިނބިހި އަޅާހަދާއިރު، ނޭވާލާ ނިޒާމުގެ ޒަރިއްޔާ އިން ބަލި ފެތުރޭ
ބިހި ނަގާފައި ހުރި މީހެއްގެ ގައިގައި ބީހުމުން ނުވަަތަ އޭނާ ބޭނުންކޮށްފައިވާ ތުވާލި، އަންނައުނު ފަދަ ތަކެތި ބޭނުންކުރުމުން
ގައިގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލި ލަންދެން މި ބަލި އެކަކު ގައިން އަނެކެއްގެ ގަޔަށް ފެތުރުމުގެ ފުރުސަތު އޮވޭ
ފާނަބަސަންދު ޖެހުމުން ރައްކާތެރިވާނެ ގޮތް:
ބަލިޖެހިފައިވާ މީހުން ގާތަށް ޒިޔާރަތް ނުކުރުން
ބަލި ޖެހިފައިވާ މީހާ/ކުއްޖާ އޭނާގެ ގައިގައި ނަގާފައިވާ ބިހިތައް އެއްކޮށް ކުރަމަގާލި ލަންދެން ބޭރު ތެރެއަށް ނުނިކުތުން
ފާނަބަސަންދު ޖެހިއްޖެނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުން
ބަލި ފަސޭހަ ވަންދެން ހިފާ ގެންގުޅޭ ތަކެތި (އަންނައުނު، ތުވާލި، ކުޅޭ އެއްޗެހި ފަދަ ތަކެތި) ވަކިކުރުން










ކޮމެންޓް