ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތް ހަދަނީ

މ
19 ނޮވެމްބަރު 2024 21:41އަޕްޑޭޓްކުރީ 2 މިނިޓުގެ ކިޔުން
Aa

ޕީއެންސީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަން ސަރުކާރު ހިންގާ ޕީއެންސީން ނިންމައިފި އެވެ.

ޕީއެންސީގެ މުސްތަޝާރު / ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަޝްވަރާއާއެކު އެގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ޕީއެންސީން މިއަދު ނިންމާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެކަން ވަނީ އެޖެންޑާވެސް ކޮށްފަ އެވެ.

މަޖިލިސް މެމްބަރުން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ގޮނޑި ގެއްލޭ ގޮތަށް އެންމެ ފުރަތަމަ އެންޓި ޑިފެކްޝަން ބިލެއް ހުށަހަޅައި ގާނޫނެއް އެކުލަވާލީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެވެ. ނަމަވެސް އޭރު އޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުވެ، އެމްޑީޕީއަށް މަޖިލީހުން ލިބުނު ސުޕަ މެޖޯރިޓީގެ ބޭނުން ކޮށްގެން އެ ގާނޫނު އުވާލި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ފަހުކޮޅު އަނެއްކާ ވެސް އެންޓި ޑިފެކްޝަން ގާނޫނު ގެނަ އެވެ. އެ ގާނޫނު ގެނައީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް، ސަރުކާރު ހިންގާ ޕީއެންސީއާ ގުޅިވަޑައިގަތުމުންނެވެ. އެ ބިލު ރައިސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ އޭޕްރީލު މަހުގަ އެވެ.

މިހާރު އޮތް އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހެ އެވެ. އެއީ؛

  • ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށް މަޖިލިސް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ ޕާޓީން ވަކިވާން އަމިއްލައަށް ހުށަހެޅުން

  • އިންތިހާބުވި ޕާޓީ ނޫން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަނުގެ ދަފުތަރުގައި ނޯޓުވުން

  • އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުން

މި ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިހުތިޔާރީކަމެއްގެ ގޮތަށް ހަތް ދުވަސް ތެރޭގައި އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، އިސްތިއުފާ ނުދީފި ނަމަ ވާނެ ގޮތެއް ނުވަތަ އެޅޭނެ ފިޔަވަޅެއް ބަޔާންކޮށްފައެއް ނެތެވެ.

އެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މެންބަރަކު ޕާޓީއަކުން ވަކިކޮށްފި ނަމަ ހަތް ދުވަސް ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހިމަނައިފަ އެވެ. އަދި އިސްތިއުފާ ދޭން ޖެހޭ ހާލަތްތަކަށް މަޖިލިސް މެންބަރުންގެ އިތުރުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިތުރުން އަތޮޅު ކައުންސިލްތައް ވެސް ހިމެނޭނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު