ރާއްޖޭގައި އިންވެސްޓް ކުރަން ކުވެއިތުގެ ވިޔަފާރިވެރިންނަށް ރައީސްގެ ދައުވަތެއް

މ
24 ސެޕްޓެމްބަރު 2024 13:311 މިނިޓުގެ ކިޔުން
Aa

ރާއްޖޭގައި އިންވެސްޓްކޮށް، ރާއްޖޭގެ ތަރައްގީގައި ބައިވެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުވެއިތުގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވައިފި އެވެ.

ރައީސް އެ ދައުވަތު ދެއްވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ކުވެއިތުގެ ވަލީއަހްދު އަދި އދ.ގެ އާންމު މަޖިލީހުގެ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ކުވެއިތުގެ ވަފުދުގެ އިސްވެރިޔާ ޝައިހް ސަބާހް އަލް ހާލިދު އަލް ހަމަދު އަލް މުބާރަކް އަލް ސަބާހް އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި ކުވެއިތު ސަރުކާރުން ރާއްޖެއަށް ދޭ އެހީތެރިކަމަށްޓަކައި އަދި ވަކިން ހާއްސަކޮށް ސިއްހީ ދާއިރާއަށް ދޭ އެހީތެރިކަން ފާހަގަކުރައްވައި ރައީސް ޝުކުރު އަދާކުރެއްވި ކަމަށެވެ.

އަދި ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާކުރުން ހިމެނޭހެން ސަރުކާރުގެ ތަރައްގީގެ އެޖެންޑާގައި ހިމެނޭ ކަންތައްތައް ހާސިލުކުރުމަށް ދޭ އަހައްމިއްޔަތު، އެ މަނިކުފާނު ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ގައުމުން އިސްކަންދޭ އަދި ކަންބޮޑުވުން ހުރި މައްސަލަތަކުގައި ގުޅިގެން އެކުގައި މަސައްކަތް ކުރައްވާނެކަމަށާއި ކުރިމަގުގައި ދެ ގައުމުގެ ސިޔާސީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އާއި ކުވެއިތުގެ ވަލީއަހްދު ވިދާޅުވި ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު