މަދަނީ އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނު އެކުލަވާފައިއޮތް ގޮތުން ތަންފީޒު ކުރަން ދަތި: މުއުތަސިމް

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

މަދަނީ އިޖުރާއަތުގެ ގާނޫނާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނު އެކުލަވާފައިވާ ގޮތުން ތަންފީޒު ކުރުމުގައި ދަތިތަކެއް އެބަހުރި ކަމުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވީ ”ގަޟައީ އަހަރު 2024“ އިފްތިތާހު ކުރުމަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މުއުތަސިމް ވިދާޅުވީ މަދަނީ އިޖުރާއަތުގެ ގާނޫނާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނު އެކުލަވާފައިވާ ގޮތުން ތަންފީޒު ކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން ގާނޫނު ހަދާ މަޖިލީހުން ހާސިލްކުރަން ބޭނުންވި މަގުސަދު ހާސިލްނުވެ މައްސަލަތައް ލަސްވެ، ފުނިޖެހޭ ގޮތް މެދުވެރިވާކަމަށެވެ. އަދި އެ ގާނޫނުތައް ތަންފީޒު ކުރުމުގައި ހުރި ދަތިތަކަކީ ކޮބައިކަން ޝަރުއީ ދާއިރާގެ އެހީތެރިކަމާއެކު ދެނެގަންނަންޖެހޭ ކަމަށް މުއުތަސިމް ވިދާޅުވިއެވެ.

މުއުތަސިމް ވިދާޅުވީ ގާނޫނުތައް ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތަކަށް އެންމެ އެދެވޭ ހައްލެއް ލިބިގެންދާނީ މަދަނީ އިޖުރާއަތުގެ ގާނޫނާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނު އެކުއެކީގައި މުރާޖާކޮށް، އިސްލާހު ކުރެވިގެން ކަމަށެވެ. އެހެންކަމުން ގާނޫނުތަކަށް ގެނެވޭ އިސްލާހީ ބަދަލުތައް ގެނައުމުގައި ޝަރުއީ ދާއިރާއިން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވެސް އުއްތަމަފަޑިނޔާރު މުއުތަސިމް އަދްނާން ވަނީ ދެއްވާފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު