އެމްއެމްއޭގެ ގަވަރުނަރު ކަމަށް މުނައްވަރު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

މ
30 ޖުލައި 2024 14:591 މިނިޓުގެ ކިޔުން
Aa

އަހުމަދު މުނައްވަރު

ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭގެ އާ ގަަވަރުނަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އެމްއެމްއޭއަށް އާ ގަވަރުނަރަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވީ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރެއްވުމަށްފަހު އެވެ.

މުނައްވަރުގެ ނަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުއްވީ މިއަދު އެވެ.

މުނައްވަރު ގަވަރުނަރު ކަމަށް އައްޔަން ކުރުމާ ގުޅޭ ގޮތުން މަޖިލީހުގައި މިއަދު ވޯޓު ނެގި ވަގުތު މަޖިލީހުގައި 85 މެންބަރުން ތިއްބެވި އެވެ. ނަމަވެސް އޭނާ އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 78 މެންބަރުންނެވެ. ބާކީ ތިބި ހަތް މެންބަރުން ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުނައްވަރަކީ މީގެ ކުރިން އެމްއެމްއޭގައި 10 އަހަރު ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމުގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު