ކޮރަޕްޝަނުން ދައުލަތަށް ގެއްލިފައިވާ 1.5 ބިލިއަންގެ ތެރެއިން ހޯދުނީ އެންމެ 100 މިލިއަން!

މ
16 ޖުލައި 2024 19:311 މިނިޓުގެ ކިޔުން
Aa

އޭސީސީގެ ރައީސް އާދަމް ޝާމިލް

ކޮރަޕްޝަންގެ ގޮތުގައާއި އެކި ގޮތްގޮތުން ދައުލަތުން ގެއްލުނު 1.5 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ 100 މިލިއަން ރުފިޔާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް މިއަދު ވިދާޅުވީ، އޭސީސީން މައްސަލަ ބެލުމަށްފަހު، ދައުލަތަށް ލިބެންޖެހޭ ފައިސާއެއްވާނަމަ އެ ފައިސާ ހޯދުމަަށް ކަމާބެހޭ އިދާރާތަކަށް އަންގާ ކަމަށެވެ.

ނަމަވެސް ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ މަަސައްކަތްތައް ނުކުރާ ކަމަށާއި އެގޮތުން ދައުލަތަށް ގެއްލުނު 1.5 ބިލިއަން ރުފިޔާ ހޯދަން ދައުލަތުގެ އެކި އިދާރާތަކަށް 2009 ވަނަ އަވަރުން ފެށިގެން އަންގަމުން އައި ނަމަވެސް ހޯދުނީ އެންމެ 100 މިލިއަން ކަމަށް ވިދާޅުވި އެވެ.

އަބްދުއްސަލާމް ވިދާޅުވީ، ކަންކަން އިސްލާހު ކުރުމަށާއި ފައިސާ ހޯދަށް އޭސީސީން އަންގާ އިދާރާތަކުން ކަންކުރާ ގޮތް މޮނިޓާ ކުރުމަށް އެ ކޮމިޝަނުން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެގޮތުން އޭސީސީން އަންގާ ގޮތަށް ކަން ނުކުރާ އިދާރާތަކުގެ މައުލޫމާތާއި އެ އިދާރާއަށް އެންގީ ކޮންކަމެއް ކޮން ގޮތަކަށް ކުރަން ކަމާއި އެކަން އެ އިދާރާއަކުން ކުރިކަން ނުވަނަ ނޫންކަން އަދި އެކަމެއް އެ އިދާރާއަކުން ކޮށްފައި ހުރި މިންވަަރަކާއި އެކަމާބެހޭ އެންމެހާ މައުލޫމާތުތައް އާންމުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު