އިޓަލީއަށް މޮޅެއް، އަލްބޭނިއާއަށް ބައްޔަކާއެކު ޔޫރޯގެ އެންމެ އަވަސް ގޯލުގެ އުފާ

މ
16 ޖޫން 2024 11:311 މިނިޓުގެ ކިޔުން
Aa

ޔޫއެފާ ޔޫރޯ 2024ގައި އެ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން އިޓަލީން ކުޅުނު ފުރަތަމަ މެޗުގައި އަލްބޭނިއާ ބަލިކޮށްފި އެވެ.

ބްރޫޝިއާ ޑޯޓްމުންޑްގެ ޑޯޓްމުންޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު އިޓަލީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.

ރޭގެ މެޗު ފެށިގެން 22 ވަނަ ސިކުންތުގައި އަލްބޭނިއާގެ ނަދީމް ބެރާމީ ވަނީ ގޯލެއް ޖަހައި، ޔޫރޯގެ ތާރީހު ލިޔެލައިފަ އެވެ. އިޓަލީ ޑިފެންޑަރު ފެޑެރީކޯ ޑިމާކޯއަށް ހެދުނު ގޯހަކުން ނަދީމް ބެރާމީ ޖެހި އެ ގޯލަކީ ޔޫރޯގެ ތާރީހުގައި ޖެހި އެންމެ އަވަސް ގޯލެވެ.

ނަމަވެސް އެ ގޯލަށްފަހު އިޓަލީ ފެނުނީ މާ ވަރުގަދަކޮށެވެ. މެޗުގެ ކޮންޓްރޯލް ހޯދައި، އަލްބޭނިއާގެ ގޯލަށް ހަމަލާތައް ދޭން ފެށި އެވެ. ނަތީޖާއަކަށްވީ މެޗުގެ 11 ވަނަ މިނެޓުގައި އިޓަލީން ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރުމެވެ. އެއީ ލޮރެންޒޯ ޕެލްގްރިނީ ނަގައިދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން އަލްސެންޑްރޯ ބަސްޓޯނީ ޖެހި ގޯލެކެވެ.

އޭގެ ފަސް މިނެޓު ފަހުން އިޓަލީން އިތުރު ގޯލެއް ޖަހައި ލީޑު ނެގި އެވެ. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލައިގެން އެ ގޯލު ޖެހީ ނިކޮލާ ބަރޭލާ އެވެ.

އެ ގޯލަށްފަހު އިޓަލީން ހަމަޖެހިލި އިރު، މުޅި މެޗު ކޮންޓްރޯލްކޮށް ހަމަލާތައް އުފެއްދުމަށް އެ ޓީމުން މަސައްކަތް ކުރި އެވެ. ހާއްސަކޮށް މެޗުގެ 33 ވަނަ މިނެޓުގައި އިޓަލީގެ ޑޭވިޑް ފްރަޓޭސީ ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެ އެވެ. އަލްބޭނިއާގެ ކީޕަރުގެ ބޯމަތިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ފަހުން ގެނައި ބަދަލުތަކާ އެކު އަލްބޭނިއާ ވެސް ކުރިއަށް ޖެހި ކުޅެން މަސައްކަތް ކުރި އިރު، ނުރައްކާތެރި ހަމަލާތަކެއް ވެސް އުފެއްދި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު