ހަފްތާ'ގެ އެކި އުފެއްދުންތައް އުފެއްދުމުގައި ނޫސްވެރިންނާއި އެޑިޓަރުން އަމަލުކުރާނީ މި ނޫހުގެ ކޯޑް އޮފް އެތިކްސްއާ އެއްގޮތަށް, ޕްރޮފެޝަނަލް ނޫސްވެރިކަމުގެ އަމާޒަށެވެ. އެ އަމާޒަށް މަސައްކަތް ކުރުމުގައި ހަގީގަތްހާމަކުރުމަށް އިސްކަންދޭނެއެވެ. ނުފޫޒެއްގެ ދަށު ނުވެ, އިންސާފުވެރިވުމަށް އިސްކަންދޭނެއެވެ.
ހަބަރާއި މައުލޫމާތު އަދި ނޫސްވެރިކަމުގެ އެކި ތަފާތު ކޮންޓެންޓް ގެނެސްދޭނީ އޮޅުން އަރާ ނުވަތަ ޔަގީންކަމެއް ނެތް މައުލޫމާތެއް ނުހިމަނައި, ވީހާވެސް ބޮޑަށް ހަގީގަތާ އެއްގޮތަށެވެ. އެ އަމާޒަށް މަސައްކަތް ކުރުމުގައި ހަބަރާ ގުޅޭ ހުރިހާ ފަރާތެއްގެ މައުލޫމާތު ގެނެސްދޭން މަސައްކަތް ކުރާނެއެވެ.
'ހަފްތާ'ގެ އެއްވެސް ނޫސްވެރިއެއް ސިޔާސީ ހަރަކާތެއްގައި ނުވަތަ ސިޔާސީ ޕާޓީއަކުން ހިންގާ ހަރަކާތެއްގައި ބައިވެރިއެއް ނުވާނެއެވެ. ނަމަވެސް ނޫސްވެރިއެއްގެ ގޮތުގައި އެފަދަ ހަރަކާތެއްގެ ހަބަރާއި ފޮޓޯ/ ވީޑިއޯ ހޯދުމަށް ކުރަންޖެހޭ މަސައްކަތް މީގެ ތެރޭގައި ނުހިމެނެއެވެ.
އެއްޗެއް ލިޔުމަށް ނުވަތަ އުފެއްދުމަށް އެއްވެސް ފަރާތަކުން ރިޝްވަތުގެ ގޮތުގައި ދޭ އެއްވެސް އެއްޗެއް ނޫސްވެރިޔާ ނުހިފާނެއެވެ.
ލިޔާއިރު, މައުލޫމާތު ދޭ ފަރާތުގެ ނަން ސިއްރު ކުރަން ޖެހިއްޖެ ފަދަ ހާލަތެއްގައި ފިޔަވައި, މައުލޫމާތު ދޭ ފަރާތުގެ ނަން ހިމަނާނެއެވެ.
ހަބަރަށް މައުލޫމާތު ހޯދާއިރު ނޫސްވެރިޔާއަކީ ކާކުކަން ހާމަކުރާނެއެވެ. އަދި ނޫސްވެރިޔާ އިންޓަވިއު ރެކޯޑް ކުރާނީ އިންޓަވިއު ދޭ މީހާގެ ރުހުމާއެކުއެވެ.
ލިޔުންތަކުގެ ބަހުރުވަ, ހުންނާނީ ސާދާކޮށް, ކިޔުންތެރިންނަށް އޮޅުން ނާރާ ގޮތަށެވެ. އޮޅުން އަރާ ގޮތަށް ނުވަތަ ކޮންޓެންޓުގައި ކުށެއް ވާކަން އެނގިއްޖެ ނަމަ އެކަން ވީހާވެސް އަވަހަކަށް އިސްލާހު ކުރާނެއެވެ.
ކުޑަކުދިންގެ ހަބަރާއި މައުލޫމާތު ނޫހުގައި ލިޔާއިރު އެ ކުދިންގެ ނަމެއް/ ފޮޓޯއެއް ނުހިމަނާނެއެވެ. ހިމަނަންޖެހިއްޖެ ނަމަ އެކަން ކުރާނީ އެ ކުއްޖެގެ ބެލެނިވެރިއެއްގެ ހުއްދަ ހޯދައިގެންނެވެ.
ގުޅުއްވުމަށް
ހަފްތާގެ ނޫސްވެރިއަކު މި ކޯޑާ ޚިލާފަށް އަމަލުކޮށްފިކަމަށް ފެނިވަޑައިގަންނަވާނަމަ hafthanews@gmail.com އަށް އަންގަވާ.
